ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތް "ދިރާގު މާލޭ އޯޕަން" ގައި ވީހާވެސް ގިނަ ފެތުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި މުބާރާތަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިމަހު 9 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އަދި 22 ވަނަ ދުވަހު ރަސްފަންނުގަ އެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރިގަދަ "ދިރާގު މާލޭ އޯޕަން" ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓާ ސްވިމިން ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގު މާލޭ އޯޕަންގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު ސްވިމް މޯލްޑިވްސް ވެބްސައިޓް މެދުވެރިކޮށް ވަނީ ހުޅުވާލައިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓާ ކުރެވޭނެ އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އުމުރުން ހަ އަހަރުން ފެށިގެން ގޮސް 70 އަހަރުން މަތީގެ ފެތުންތެރިން ވެސް ހިމެނެ އެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.




