މާލޭގައި މަދިރި ކޮންޓްރޯލް ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ޖުލައި މަހު 1،651 ގެއަކާއި އެކި ތަންތަން ބަލައިފާސްކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މަދިރި އުފެދޭ ގޮތަށް ހުރި 606 ތަނެއް މިދިޔަ މަހު ވަނީ ފާހަގަކުރެވިފަ އެވެ.
އޭގެ ތެރެއިން 35 ތަނަކުން މަދިރި ފަނި ފެނިފައިވާއިރު، 27 ގެއަކުން މަދިރި ފެނިފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލައިފާސްކުރި ތަންތަނުގެ ތެރެއިން 283 ތަނެއް އިސްލާޙު ކުރުމަށް އަންގައި، 157 ތަނަކަށް މަދިރި ބޭސް އަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ހަތަރު ބްލޮކެއްގެ ތަންތަން ފޮގްކޮށް، މާލޭގެ ނުވަ މަގެއް ވަނީ ފޮގްކޮށްފަ އެވެ.
މި މަސައްކަތާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މަދިރި އާލާ ނުވާނެ ފަދަ ގޮތަކަށް މާލެ ސިޓީގެ ހުރިހާ ރައްޔިތުންވެސް އަމަލުތައް ބެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އާޒިމް ދެއްވި އެވެ.




