ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތުމުން: ނަޝީދު

ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލިފައި ވަނިކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން ޑޮލަރުގެ ވާހަކަ ދެއްކުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ ހަގީގަތް އޮޅުވާލުމަކީ މި ވަގުތު ރާއްޖޭގެ އިގުތިސޯދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ.

"ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތީމަ. އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއު ކުރަންޖެހޭ ރިޕޯޓްތައް އާންމުނުކޮށް ހަގީގަތް އޮޅުވާލަމުން ސަރުކާރަށް ގެންދެވޭނީވެސް ވަކި ވަރަކަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ޑޮލަރު ހުރި މިންވަރު އެމްއެމްއޭ އަށް އެނގޭނެ ކަމަށާއި ޑޮލަރުގެ ޑިމާންޑްވެސް އެނގޭނެ ކަމަށެވެ.

ނަޝީދުގެ ޕޯސްޓްގައި ވަނީ ޑޮލަރު މައްސަލައިގައި ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުމަށް މުހިންމު ކަމަށް ވިދާޅުވެފަ އެވެ.

"ޑޮލަރެއްގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް، ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުން ބޭނުންތެރި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ސަރުކާރުން ކިބުރުވެރިކަން އިސްކުރާނަމަ އެކަމުގެ ގެއްލުން ލިބޭނީ ރާއްޖެއަށާއި ދިވެހިންނަށް ކަމާށް ވިދާޅުވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *