ސަރުކާރުގެ ތިން މިނިސްޓްރީއެއް ޑިސެމްބަރު 12، 2024 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ އެއާކޮންޑިޝަން ތެރޭގައި ހުރި ވައިރުތަކެއްގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރާ އިތުރު ސުވާލު ކުރުމުގެ ފުރުސަތުގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ މިއީ ބަޔަކު ގަސްދުގައި ކުރިކަމެއް ނޫން ކަމަށެވެ.
އެ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައިވާ ގޮތް ދިވެހި ފުލުހުންނާއި އަދި ކައިރި ގައުމުތަކުން މި ބާވަތުގެ ކަންކަން ހާއްސަކޮށް އާސަން އިންވެސްޓިގޭޝަންގެ ކަންތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކުގެ އެހީތެރިކަމާއެކުގައި ތަހުގީގުކޮށް ތަހުގީގު ނިންމާފައިވާ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން މިއީ ބަޔަކު މީހުން ގޮސް އަލިފާން ޖަހާފަ އިން ހާދިސާއެއްގެ ގޮތުގަ ނޫން ހާދިސާގެ ތަހުގީގުން އަޅުގަނޑުމެންނަށް މި ފެންނަނީ،" އިހްސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ ފުރަތަމަ ރޯވީ އޭސީ ވަޔަރުތަކެއްގައި ކަމަށާއި އެކަން ފުލުހުންގެ ބޮޑީކެމް ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށެވެ.
"އެންމެ ފުރަތަމަ އިނީޝިއަލް ސްޓޭޖުގައި ފުލުހުން އެތަނަށް އެޓެންޑް ވެގެން ފުލުހުންގެ ބޮޑީކެމްގެ ވީޑިއޯ ފުޓޭޖް އިން އަޅުގަނޑުމެންނަށް ސާބިތުވެ އެބަވޭ އެންމެ ފުރަތަމަ އަލިފާން ރޯވެފަ ވަނީ ސީލިންގުގަނޑު ތެރޭގައި އެއާކޮންޑިޝަނާތަކުގެ ތެރޭގައި ހުރި ވަޔަރުތަކެއްގައިކަން،" އިހުސާން ވިދާޅުވި އެވެ.
އިހްސާން ވިދާޅުވީ މިކަމުގެ ތަފުސީލު ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.




