ޕްލާސްޓިކް ކުނި އެޅުމަށް ހާއްސަކޮށް ޑަސްބިންތަކެއް ބެހެއްޓުމަށް މާލެސިޓީ ކައުންސިލުން ނިންމައިފި އެވެ.
މިކަން ކުރުމަށް ނިންމީ އިއްޔެ ކުރިއަށްދިޔަ މާލެ ސިޓީ ކައުންސިލްގެ ރަސްމީ އާންމު ޖަލްސާގަ އެވެ.
ކައުންސިލްގެ ޖަލްސާއަށް މި މައްސަލަ ކައުންސިލަށް ހުށަހަޅަމުން ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވިދާޅުވީ މިފަދަ ޑަސްބިންތަކެއް ބެހެއްޓުމަށް ތިމާވެށީގެ ހައްގުގައި މަސައްކަތްކުރާ އެކި ފަރާތްތަކުން ލަފާދީފައިވާ ކަމަށެވެ.
މިހާރު ބަހައްޓާފައި ހުންނަ ޑަސްބިންތަކަކީ ހުރިހާ ބާވަތެއްގެ ތަކެތި އެޅޭ ޑަސްބިންތަކަކަށްވުމުން، އެ ޑަސްބިންތަކުގެ ބޭނުން ނޭދެވޭ ގޮތުގައި ބޭނުންކުރަމުންދާކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވާ ކަމަށްވެސް ޒަހިއްޔާ ވިދާޅުވި އެވެ.
ހާއްސަކޮށް ފޭސް 1 އާއި ފޭސް 2 ގުޅުވާލާ ބުރިޖު ސަރަހައްދުގައި އޮންނަ މޫދަށް ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅި އުކާލާކަން ފާހަގަކުރެވޭތީ އެ ސަރަހައްދުގައި މިފަދަ ގިނަ އަދަދެއްގެ ޑަސްބިންތައް ބަހައްޓަންޖެހޭ ކަމަށް ވިދާޅުވި އެވެ.
މި ނިންމުން ނިންމީ ޖަލްސާގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.




