ޑޮލަރުގެ މައްސަލައަށް މަހެއްގެ ތެރޭގައި ހައްލު ފެންނާނެ: އޭޖީ

ސަރުކާރާއި ކަމާގުޅުންހުރި އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކާ އެކު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ބަންޑާރަނައިބް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަަލުކުރައްވާ ބަންޑާރަނައިބް ވިދާޅުވީ ރިސޯޓުތަކަށް ބޭރު ފައިސާއިން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގައި ގާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން މަަހެއްހާ ދުވަހުގެ ތެރޭގައި ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

"މިއިސްލާހާއެކު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެ ކަމަށް،" އުޝާމު ވިދާޅުވި އެވެ.

ބަންޑާރަނައިބް ވިދާޅުވީ އެމްއެމްއޭގައި ރަޖިސްޓަރީކޮށްފައި ނުވާ ފަރާތަކާއެކު އެއްވެސް ފަރާތަކުން ބޭރު ފައިސާ މާރުކުރާނަމަ އެއީ ގާނޫނީ ކުށެއް ކަމަށް ގާނޫނުގައި މިހާރު ބަޔާންކޮށްފައިވާނެ ކަމަށެވެ. އެހެންވެ އެއްވެސް ފަރާތަކުން ހުއްދަ ނެތް ފަރާތަކާ އެކު ބޭރު ފައިސާ މާރުނުކުރުމަށް އުޝާމު އެދިވަޑައިގެންނެވި އެވެ.

"ހުއްދަ ނެތް ފަރާތަކާއެކު އެ މުއާމަލާތް ކުރެވޭނަމަ އެކުރެވެނީ ގާނޫނީ ކުށެއް،" އުޝާމު ވިދާޅުވި އެވެ.

ޑޮލަރުގެ ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލަ ބޮޑުވެ، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ސަރުކާރުން ވަނީ އެ މައްސަލަ ހައްލުކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *