ވަތަނީ ހިދުމަތުގެ ކުރިމަގު އުޖާލާ: ރައީސް

ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި މިސަރުކާރުން ފަށާފައިވާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް މިއަދު އަހަރެއްވީއިރު އެ ޕްރޮގްރާމުގެ ކުރިމަގު އުޖާލާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ފެށި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަށް މިއަދު ވަނީ އެއް އަހަރުވެފަ އެވެ.

ރައީސް ވިދާޅުވީ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށް ދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުއްމީދުގައި މީގެ އަހަރެއް ކުރިން ފެށި ޕްރޮގްރާމެއް ކަމަށެވެ.

"މާތްﷲއަށް ހަމްދު ކުރާ ހާލު، މި މުނާސަބާގައި، ދިވެހި ވަތަނީ ޚިދުމަތުގެ ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އާއިލާތަކަށް ތަހުނިޔާ ދަންނަވަން. އަދި، ދިވެހި ވަތަނީ ޚިދުމަތުގެ ކާމިޔާބު ހަރަކާތް ކުރިއަށް ގެންދިއުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކަށް ހައްގު ޝުކުރު އަދާކުރަން،" ރައީސް ވިދާޅުވި އެވެ.

ދިވެހި ވަތަނީ ޚިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރުވެސް ހާސިލް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ފާއިތުވި އެއް އަހަރު ވެގެންދިޔައީ ޒުވާނުންނަށްޓަކައި، ދިވެހި ވަތަނީ ޚިދުމަތުގެ ތެރެއިން ކާމިޔާބު އަދި އުފެއްދުންތެރި މަސައްކަތްތަކެއް ކޮށްދެވުނު އަހަރަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ސާވިސް އިނީޝަލް ޓްރޭނިންގެ ތެރެއިން 1،028 ދިވެހި ޒުވާނުން ތަމްރީނު ކުރެވިފައިވާއިރު ނެޝަނަލް ސާވިސް ސްކިލް ޓްރޭނިން ޕްރޮގްރާމުން 136 ޒުވާނުން ތަމްރީން ކުރެވުނު ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަހްމަތާއެކު ދިވެހި ވަތަނީ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނެޝަނަލް ސާވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތައާރަފްކޮށް، ނެޝަނަލް ސާވިސްގެ އިންޓާންޝިޕް ޕްރޮގްރާމްތައްވެސް ތަޢާރަފްކުރާނެ ކަމަށެވެ. އަދި ނެޝަނަލް ސާވިސްގެ ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގައި ނެޝަނަލް ކެރިއަ ސާވިސްގެ ދައުރު ފުޅާކުރުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *