ޖަލަށްލުމުގެ "ރިހުން" އެބައޮތް، އެކަމަކު ފަހަތަކަށް ނުޖެހޭނަން: ޔާމީން

\

ޖަލަށްލާނެ ކަމުގެ "ބޮލުގެ ރިހުން" އެބައޮތް ކަމަށާއި އެކަމަކުވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ޕާޓީ — ޕީއެންއެފްގެ ސިޔާސީ ހަރަކާތްތަކަކަށް ޔާމީން މިވަގުތު ހުންނެވީ އައްޑޫ ސިޓީގައެވެ.

އައްޑޫގެ މަރަދޫފޭދޫ އިއްޔެ ބޭއްވި އިވެންޓެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލަށްލާނެ ކަމުގެ ބޮލުގެ ރިހުން އޮތް ނަމަވެސް "ހުން އަންނާނެތީ ރަޖާލާންޖެހޭ" އުސޫލުން ރަޖާލައިގެން ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް ބޭނުންވޭ ރައީސް ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން. އެއްވެސް މީހަކު ބޭނުމެއް ނުވޭ ރައްޔިތުން ކައިރިއަށް އައިސް، ރައީސް ޔާމީނާއި ވާދަކޮށްލައިގެން އިންތިހާބުގެ ނަތީޖާ ހޯދާކަށް،" ޔާމީން ވިދާޅުވި އެވެ.

ޕީއެންއެފްގެ މެންބަރުން އެމަނިކުފާނުގެ ދިފާއުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ޔަމީން ވިދާޅުވީ ރައްޔިތުންގެ ތާއީދާއި އިތުބާރަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

ޔާމީން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި ނަމަވެސް ވާދަވެރިން އެމަނިކުފާނު ޖަލަށްލެވޭނެ ހުރިހާ ގޮތެއް ބަލަމުންދާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުން އެބަދެއެވެ. އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި މަނީ ލޯންޑަކުރެއްވި ކަމަށް ބުނާ މައްސަލައާއި، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވަފައިވާ ކަމަށް ބުނާ މައްސަލައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *