އުފެއްދުންތެރިކަމުގެ މައުރަޒުގެ ވަނަތައް ހޮވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުން ވަނަތައް ހާސިލްކުރި ފަރާތްތަކަށް މިރޭ އިނާމު ދީފި އެވެ.

ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާއި މުހައްމަދުގެ އިތުރުން ވަޒީރުންނެވެ.

ބާސެލޯ ނަސަންދުރާގައި މިރޭ ކުރިއަށްދިޔަ "މޯލްޑިވްސް އެކްސްޕޯ 2026″ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ހުރިހާ ގިންތިތައް ހިމެނޭގޮތުން ޝަރަފުވެރި ރަން 5 ވަނަ އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ހަވާލުކޮށްދެއްވާފައެވެ.

ރައީސް ޑރ. މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ މައުރަޒުގެ ހުރިހާ ގިންތިތައް ހިމެނޭގޮތުން ޝަރަފުވެރި ރަން ފަސްވަނައަށް ޚާއްސަ އިނާމު ހަވާލުކޮށްދެއްވާފަ އެވެ.

އިކޮނޮމިކް މިނިސްޓްރީއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ކުރިއަށް ގެންދާ މިމަޝްރޫއަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މައުރަޒެކެވެ. މިއަހަރުގެ މައުރަޒު ކުރިއަށްދާނީ "ފިއުޗަ މޯލްޑިވްސް – އިނޮވޭޝަން، ކްރިއޭޓިވިޓީ އެންޑް ގްލޯބަލް ކަނެކްޝަންސް" މި ޝިއާރުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މައުރަޒު ވެގެންދާނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ އަދި ސިންދަފާތުކުރެވިފައިވާ އިގްތިސާދެއް އޮންނަ ގައުމަކަށް ހެދުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އުއްމީދީ ތަސައްވުރު ހާސިލްކުރުމަށް ބޭނުންވާ އީޖާދީ އުފެއްދުންތެރިކަން ކުރިއެރުވުމުގެ މުހިއްމު މަންސައަކަށެވެ.

މޯލްޑިވްސް އެކްސްޕޯ މިއަހަރު ރަސްމީކޮށް އިފްތިތާހްކުރުން އޮންނާނީ މާދަމާ ރެ އެވެ. ހަތް ޑިސްޓްރިކްޓެއް ހިމެނޭ ގޮތަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ނުވަ ދުވަހުގެ މުއްދަތަށް މި މައުރަޒު ކުރިއަށްދާނެ އެވެ.

މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,404 އުފެއްދުން ބައިވެރިކޮށްފައިވާއިރު މިދިޔަ އަހަރު މިމައުރަޒުގައި ބައިވެރިކޮށްފައިވަނީ 240 ފަރާތަކުން ގާތްގަނޑަކަށް 2,400 އުފެއްދުމެވެ. އެގޮތުން މިއަހަރުގެ މައުރަޒުގައި 321 އަމިއްލަ ފަރުދުންނާއި، 75 ވިޔަފާރިއަކާއި، ނުކުޅެދުންތެރިކަން ހުންނަ 16 ފަރާތެއްގެ އިތުރުން ތަޢުލީމީ ދާއިރާއާއި ޖަމިއްޔާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންވެސް ބައިވެރިވެފައިވެ އެވެ.

މިއަހަރުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭއިރު އެންމެ ގިނަ އުފެއްދުންތައް ބައިވެރިކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިން ދާއިރާއިންނެވެ. އެއީ 920 އުފެއްދުމެވެ. ދަތުރުފަތުރު، ކާބޯތަކެތި، ފެޝަން، އަދަބިއްޔާތު، ގަހަނާ، މަސްވެރިކަން، އައިސީޓީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުންވެސް ގިނަ އަދަދެއްގެ އުފެއްދުންތަކެއް މިއަހަރު ބައިވެރިކޮށްފައިވެ އެވެ.

މިރޭގެ ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ދީފައިވެ އެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތް ހިމެނެ އެވެ. މީގެއިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ"އަށް ހޮވުނު ފަރާތްތަކަށްވެސް އެވޯޑް ހަވާލުކޮށްފައިވެ އެވެ. އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލްކޮށްފަ އެވެ.

މިއަހަރުގެ މައުރަޒުގައި ހިމެނޭ ޑިސްޓްރިކްޓަކީ އުފެއްދުންތެރި އިގްތިސާދީ ހަރަކާތްތަކަށް ހާއްސަ ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓާއި، ޓެކްނޮލޮޖީގެ އެކި އުފެއްދުންތަކަށް ހާއްސަ ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓާއި، މުނިފޫހިފިލުމުގެ އެކި ހަރަކާތްތަކާއި ދިވެހި ސަގާފީ ހަރަކާތްތައް ދައްކާލުމަށް ހާއްސަ އެންޓަޓައިންމަންޓް ޑިސްޓްރިކްޓެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ފޯރުކޮށްދޭ އެކި ހިދުމަތްތަކާއި ތަކެތި މާކެޓްކޮށް ވިއްކުމަށް ހާއްސަ މާކެޓްޕްލޭސް ޑިސްޓްރިކްޓާއި، ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތަކާއި ހިދުމަތްތަކަށް ހާއްސަ ވިޒިޓަ އިކޮނޮމީ ޑިސްޓްރިކްޓްގެ އިތުރުން ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ ހިދުމަތްތައް ދައްކާލުމަށް ހާއްސަ އިންޓަނޭޝަނަލް އެގްޒިބިޓާސް ޑިސްޓްރިކްވެސް ހިމެނެ އެވެ.

ދިވެހިރާއްޖޭގައި އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަމަ ބޭއްވީ 1944 ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *