މާމިގިލީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޑްރަގް އެންފޯސްމަންޓާއި އދ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެންނެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި، ރީފްސައިޑް، ރިސްވާން އިބްރާހިމް (30އ) އާއި | އދ. މާމިގިލި، ވިލެޖް، އަހްމަދު ފިރުޝާން (28އ) އާއި | އދ. މާމިގިލި، ރޯޅި، މުހައްމަދު ޝަހުދު (27އ) އާއި | އދ. މާމިގިލި، ކުވައިތު، މުހައްމަދު މަހްމޫދު (34އ) އަދި އދ. މާމިގިލި، އެވަރެސްޓް، އަލީ ޝާނީޒް (39އ) އެވެ.
މި އޮޕަރޭޝަނުގައި އެ ފަސް މީހުން ހައްޔަރުކޮށް އެމީހުންނާ ގުޅުންހުރި ހަތް ތަނެއް ބަލައި ފާސްކުރިއިރު 9.68 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރިސްވާން އިބްރާހިމް އާއި މުހައްމަދު މަހްމޫދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށާއި އަދި އަހްމަދު ފިރުޝާން އާއި މުހައްމަދު ޝަހުދުގެ އިތުރުން އަލީ ޝާނީޒް ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.




