ހަރަދު ކުޑަކޮށް ބަޖެޓުގެ އޯވައޯލް ބެލެންސް 1.2 ބިލިއަން ރުފިޔާ ސާޕްލަސްއަކަށް

ދައުލަތުގެ ހަރަދުތައް ދަށްކޮށް، ދައުލަތުގެ ބަޖެޓުގެ އޯވައޯލް ބެލެންސް 1.2 ބިލިއަން ރުފިޔާގެ ސާޕްލަސްއަކަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައިވާ ގޮތުން މޭ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން 15.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތުންކޮށްފައިވާ ހަރަދާ އަޅައިބަލާއިރު 16.3 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން، ދައުލަތުގެ ރިކަރަންޓް ހަރަދު 2.0 ޕަސެންޓް ދަށްވެފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 65.5 ޕަސެންޓް ދަށްވެފަ އެވެ.

ރިކަރަންޓް ހަރަދުގެ 57.1 ޕަސެންޓް ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަކޮށްފައިވާއިރު، މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި މިފަދަ ހަރަދަށް ހޭދަކޮށްފައިވާ މިންވަރާ އަޅައިބަލާއިރު 6.8 އިންސައްތަ ދަށް އަދަދެކެވެ.

އެގޮތުން އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެތީގެ ހަރަދު 69.6 ޕަސެންޓް ދަށްވެފައިވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ހަރަދު ވަނީ 24.1 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ދައުލަތުގެ ބަޖެޓުން ދަތުރުފަތުރުކުރުމަށް ކުރެވޭ ހޭދަ ވަނީ ނިމިގެންދިޔަ އަހަރާ އަޅައިބަލާއިރު 14.6 ޕަސެންޓް ދަށްވެފައެވެ.

މި ހަރަދުތައް ދަށްކުރެވިފައިވީ ނަމަވެސް އާސަންދައަށާއި ހިދުމަތް ދިނުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށާއި ލޯނަށް ކުރި ހަރަދު ވަނީ އިތުރުވެފަ އެވެ.

މިގޮތުން ދައުލަތުން ނަގާފައިވާ ލޯނު ކޮމިޓްމަންޓްތަކަށް އަނބުރާ ދެއްކި ފައިސާގެ މިންވަރު މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 151.8 ޕަސެންޓް އަދި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާގެ އަދަދު 47.1 ޕަސެންޓް އިތުރުވެފަ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ކެޕިޓަލް ހަރަދުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ބަޖެޓުގައި މި އަހަރު ތަރައްގީގެ މަޝްރޫއުތައް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ 1.4 ބިލިއަން ރުފިޔާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *