ތިމާވެށި ހިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ގައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ ދެވަނައެއް ނެތް ޗާލު މާހައުލެއް އޮތުމުން ކަމަށެވެ. އަދި ދިވެހީންނަށް އާމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާއި ރަށްތަކުގެ ރީތިކަމަށް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވި އެވެ.
މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު"’ބީޓް ޕްލާސްޓިކް ޕޮލިއުޝަން"ގެ މަގުސަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.
ޕްލާސްޓިކު އަދި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ބޭނުންކުރުން ރާއްޖޭގައި މިވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ނަމަވެސް ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އިންސާނުންގެ ސިއްހަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ.
ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދަ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިއަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި ކޯރުތަކަށް އުކާލެވި މީގެ ސަބަބުން އެ މާހައުލުތައް، ތަޣައްޔަރު ކުރަމުންދާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެެވެ.




