ރައުދު ރާއްޖެއިން ބޭރަށް ދިޔަ ވާހަކަ ދޮގުކޮށްފި

ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މާލޭގެ ގެއަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ދައުލަތުން ދައުވާކުރާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ރައުދު ރާއްޖެއިން ފުރާފައިވާ ކަމަށް އަޑުތައް ފެތުރިގެން ދިޔައީ އޭނާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހުއްޓާ ނަގާފައިވާ ފޮޓޯއެއް އާންމުވުމާ ގުޅިގެންނެވެ.

ފުލުހުން ބުނީ ރައުދު ރާއްޖެއިން ބޭރަށް ފުރާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. ރައުދު ފުރުން މަނާކުރުމަށް ކުރިން ނެރެފައިވާ އަމުރު އަދިވެސް ދެމިއޮތް ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައުދުގެ މައްޗަށް ދައުލަތުން ކުރަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ.

މިދައުވާ ކުރާ ސަބަބަކީ ޔުމްނު ވެއްޓުނުކަން އެނގިހުރެ ރައުދު، އެ އަންހެން ކުއްޖާއަށް އެހީތެރިވެދީފައި ނުވާތީ އާއި އޭނާއަށް އެހީތެރިކަން ހޯދުމަށް އެދި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށްވެސް ރިޕޯޓުކޮށްފައި ނުވަތީ އެވެ.

ރައުދުގެ މައްޗަށް ދައުވާ ސާބިތުވެއްޖެނަމަ އެއް މަހާއި 6 ދުވަހަށް ޖަލަށްލާނެ އެވެ. ނަމަވެސް މިމައްސަލައިގެ ތަހުގީގުގައި ރައުދު ގިނަ ދުވަސްތަކަކު ބަންދުގައި ހުރުމާ ގުޅިގެން އޭނާ ޖަލުގައި ހުންނާނީ އެ ދުވަސްތައް ހުކުމުން ކަނޑާފައި ކަމަށްވާތީ ކުޑަ ދުވަސްކޮޅަކު އެވެ.

ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާ އިން ޕީޖީ އޮފީހުގައި އެދުނީ މިދިޔަ މެއި 26 ވަނަ ދުވަހު އެވެ.

ރައުދު ބަންދުގައި މަހަކަށް ވުރެ ގިނަ ދުވަހު ގެންގުޅުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *