ވެއްޓުނު ޔުމުނުގެ ބަޔާން އަދިވެސް ނުނެނގޭ: ފުލުހުން

މިދިޔަ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒް ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ ތަހުގީގީ ބަޔާން އަދިވެސް ނުނެގޭކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

މިދިޔަ މަހުގެ 22ގައި ނެރުނު ބަޔާނެއްގައި ފުލުހުން ބުނީ ޔުމްނުގެ ބަޔާން ނެގުމަށް އާއިލާއިން އެއްބާރުލުން ނުދޭކަމަށެވެ.

ފުލުހުން ބުނީ ޔުމްނު އާ ސުވާލު ކުރުމުގެ ފުރުސަތު ދިވެހި ފުލުހުންނަށް އަދިވެސް އާއިލާގެ ފަރާތުން ފަހިކޮށްދީފައި ނުވާތީ، މެލޭޝިއާގެ ފުލުހުން މެދުވެރިކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއްވެސް ހިއްސާކޮށްފައި ނުވާ ކަމަށާއި ޔުމްނު އަށް ފަރުވާ ދެމުން އައި ހޮސްޕިޓަލް ބަދަލު ކުރި އިރު އެ މައުލޫމާތުވެސް ހިއްސާ ކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ އޭރު ބުނެފައެވެ.

އެހެންނަމަވެސް ފުލުހުންގެ މިވާހަކަތައް ދޮގުކޮށް ޔުމްނުގެ އާއިލާއިން ބުނީ ފުލުހުންގެ ޓީމު މެލޭޝިޔާއަށް އައިފަހުން ތަކުރާރުކޮށް އެތައް ފަހަރަކު ބައްދަލުކުރިކަމަށެވެ. އެހެންނަމަވެސް ޔުމްނު އޮތީ އަދި ބަޔާން ނެގޭ ހާލަތެއްގައި ނޫންކަމަށް އޭރު އައިލާއިން ބުނިއެވެ.

ޔުމްނު ވެއްޓިފައި އޮއްވާ ފެނުނުތާ ދެ މަސްވާން ގާތްވެފައިވާއިރު އަދިވެސް އޭނާގެ ބަޔާން ތަހުގީގަށް ނުލިބޭކަމަށް ފުލުހުން ބުނެއެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައި ހުރި ރައުދު އަހުމަދު ޒިލާލް ގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުވާ އުފުލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *