ޖެމްކިއުއަކީ ޕިރަމިޑް ސްކީމެއް، ފިޔަވަޅު އަޅާނަން

ޖެމްކިއު އިންވެސްޓްމެންޓް ސްކީމް (ޖީއެމްސީ) އަކީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވާތީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށް ހިންގަމުން ގެންދާ އިންވެސްޓްމަންޓް ސްކީމަކީ އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން އިންޓަނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ.

މިޕްލެޓްފޯމުގައި ބައިވެރިވާ މީހުންނަށް ޔޫއެސްޑީޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ — ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން އިންވެސްޓް ކުރެވެ އެވެ. އިންވެސްޓަރުންނަށް ކޮންމެ ދުވަހަކުވެސް، އެ މީހަކު އިންވެސްޓް ކުރާ މިންވަރަކަށް ބިނާކޮށ،ް ޕްލެޓްފޯމުގައިވާ ވަކި ބަޓަނަކަށް ފިތާލުމުން އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް، ޓްރޭޑިން ކުރާ ކަމަށް ދައްކުވައިދެ އެވެ. މިސްކީމުގައި އިންވެސްޓްކުރާ އެންމެ ދަށް އިންވެސްޓްމަންޓްގެ 2.5 އިންސައްތައިގެ ފައިދާ ލިބޭ ކަމަށް ދައްކުވައިދެ އެވެ. އަދި މިސްކީމް ފަރުމާކޮށްފައިވަނީ އިންވެސްޓަރުގެ ދަރަޖަ މަތިވުމާއެކު ނިސްބަތް އިތުރުވާ ގޮތަށެވެ.

ޖީއެމްސީއާ ގުޅޭގޮތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ފުލުހުން ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓްމަންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާ ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިނ،ް މިފަދަ އިންވެސްޓްމަންޓް ސްކީމްތައް ހިންގަން ވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ. އެހެންނަމަވެސ،ް ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގާ ސްކީމަކީ ސީއެމްޑީއޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ސްކީމެއް ނޫން ކަމަށާއި މި ސްކީމަކީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫންކަން އެނގޭ ކަމަށްވެސް ބުންޏެވެ.

ބޭރު ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތްތަކުގެ އަލީގައ،ި ޖެމްކިއުގެ ނަމުގައި ހިންގަމުންދާ ސްކީމަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ. މިސްކީމުގައި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާ ކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 319 ވަނަ މާއްދާގެ ދަށުން މިފަދަ ޕިރަމިޑް ސްކީމުގައި ބައިވެރިވުމުގެ ހައްގު ވިއްކާލުމަކީވެސް ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

ބަޔާނުގައި ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އެންމެންނަށް ފަރިތަ ނޫން ބަސްތައް ބޭނުންކޮށްގެން އޮޅުވާލައިގެން ހިންގާ އިންވެސްޓްމަންޓް އެޕްލިކޭޝަންތައް އިންޓަނެޓުގައި ގިނަވަމުންދާ ދުވަސްވަރެއްގައ،ި ރަނގަޅަށް ދިރާސާ ނުކޮށ،ް ބުރަ މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ މިފަދަ ސްކީމްތަކުގައި އިންވެސްޓް ކުރުމުގެ ސަބަބުނ،ް އިއާދަނުކުރެވޭ ފަދަ މާލީ ބޮޑެތި ގެއްލުންތަކާ އެތައް ބަޔަކަށް ކުރިމަތިލާން ޖެހޭ ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.

ސީއެމްޑީއޭ އާއި ފުލުހުން ގުޅިގެން މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު ތަހުގީގު ކުރަމުންދާ ކަމަށްވެސް ބަޔާނުގައިވެ އެވެ. މި ސްކީމް ހިންގައ،ި ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *