ޔޯގާ ހަމަނުޖެހުމުގައި އުޅުނު ބައެއް މީހުންނަށް ދައުވާނުކުރަން ނިންމައިފި

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޖޫން 21، 2022 ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ހިތްވަރުދީ އެކަމުގައި އެކިއެކި ގޮތްގޮތުން ބައިވެރިވި މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް މުރާޖައާކުރަން ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ނިންމައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލައިގައި ދައުވާ ލިބޭ މީހުން ދައުވާތައް މުރާޖައާކޮށްދިނުމަށް އެ އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ހަރަކާތްތައް ކުރިއަށް ދަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގައިގެންނާއި އެކަމަށް ހިތްވަރު ދީގެން ދައުލަތުން 19 މީހަކަށް އޮކްޓޫބަރު 3، 2022 ގައި ދައުވާކޮށްފައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ މި މައްސަލާގައި ކޮށްފައިވާ ދައުވާތައް މުރާޖައާކުރުމަށްފަހު، ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެއްކާއި ގަރީނާ ލިބިފައިވާ މީހުން ފިޔަވައި، އެހެން މީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަށް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ ދައުވާތައްވެސް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް ބުންޏެވެ.

ދައުވާތައް މުރާޖައާ ކުރުމުގައި، ކުށުގެ އަމަލު ހިނގައިދިޔައީ ޔޯގާ ދުވަހުގެ ހަރަކާތް ހިންގުމާމެދު އުފެދުނު ޖަޒުބާތުތަކެއްގެ ތެރެއިން ކަމަށްވުމާއި، މި މައްސަލަ ކޯޓުގައި ކުރިއަށް ނުގެންދެވި އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުމާއި، ދައުވާ ލިބޭ މީހުންނަކީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވުމާއި، ދައުވާ ލިބޭ މީހުން މުޖުތަމައުގައި އަދާކުރާ ދައުރަށް ރިއާޔަތްކޮށްފައި ކަމަށްވެސް ބުންޏެވެ.

"މި ނިންމުމުގެ ނަތީޖާއެއްގެ ގޮތުން މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތަކެވެ.،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު އިސްމާއީލްވެސް ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *