ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކެއްގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.
ޒައިދާންއަކީ މީގެ ކުރިންވެސް ސްކޭމް މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެކެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މި އަހަރުގެ މޭ މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުންވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރިއިރު މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36،467 ރުފިޔާގެ ތަކެތި މަކަރާއި ހީލަތުން ހުޅުމާލޭގައި ހުންނަ ފިހާރައިން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ޒައިދާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ޒައިދާން މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރުވެސް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށް އެބަދެ އެވެ.




