މިނިމަމް ވޭޖު ރިވިއުކުރަން ހަދާ ދިރާސާ ޑިސެމްބަރަށް ނިންމަނީ

މިނިމަމް ވޭޖް މުރާޖައާކުރުމަށް ކުރަންޖެހޭ ދިރާސާތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ހައިދަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީފާއާބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަައިގެ ގޮތުން އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރައިގެ ގޮތުގައި މިނިސްޓަރު ކަނޑައަޅާ އަދަދު ކޮންމެ ދެ އަހަރަކުން މުރާޖައާ ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު ޖެނުއަރީ 2022 އިން ފެށިގެން މިހާތަނަށް ތިން އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިނިމަމް ވޭޖް މުރާޖައާނުކޮށް ލަސްވާތީ އެކަމާ ގުޅޭ ގޮތުން މެންބަރު މައުރޫފު ޒާކިރު ވަނީ ސުވާލުކުރައްވާފަ އެވެ. އަދި މިނިމަމް ވޭޖް އެންމެ އަވަހަށް މުރާޖައާކޮށް މިނިމަމް ވޭޖް ބޮޑު ކުރެވޭނީ ކޮންއިރަކުންތޯވެސް މެންބަރު ވަނީ ސުވާލުކުރައްވާފަ އެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހައިދަރު ވަނީ ގާނޫނުގެ ދަށުން ފުރަތަމަ މިނިމަމް ވޭޖު ކަނޑައެޅުނީ ނޮވެމްބަރު 8، 2021 ގައިކަން ފާހަގަކުރައްވާފަ އެވެ. އޭގެ ފަހުން މިނިމަމް ވޭޖު މުރާޖައާ ކުރަންޖެހޭ ތާރީހަކީ ނޮވްމެބަރު 8، 2023 ކަމަށް ހައިދަރު ވިދާޅުވި އެވެ.

"މިދިޔަ ސަރުކާރުން މިނިމަމް ވޭޖުގެ ރިވިއުގެ މަސައްކަތް ނުކޮށްވާތީ މި މިނިސްޓްރީއާ މެންޑޭޓް ހަވާލުވި ހިސާބުން މި މިނިސްޓްރީން މި މަސައްކަތް ކުރުމަށްޓަކައި މިނިމަމް ވޭޖް ބޯޑު އަލުން އެކުލަވާލުމުގެ މަސައްކަތް ފަށައި، 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތިން ވަނަ ދުވަހު އާ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު ގާއިމުކުރެވުނު،" ހައިދަރު ވިދާޅުވި އެވެ.

ހައިދަރު ވިދާޅުވީ ކުރީގެ ބޯޑުގެ ލިޔެކިޔުންތައް އާ ބޯޑާ ހިއްސާކުރުމަށް ވަގުތު ބޭނުންވި ކަމަށެވެ. މީގެ އިތުރުން މިނިމަމް ވޭޖުގެ މަސައްކަތުގައި އުޅުއްވި ޓެކްނިކަލް ގިނަ ބޭފުޅުންތަކެއް އެކި ސަބަބުތަކާހުރެ މަސައްކަތާ ދުރަށް ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންކަމުން މިފަދަ މަސައްކަތަކަށް ބޭނުންވާ ޓެކްނިކަލް ތަޖުރިބާ އާއި އެހީތެރިކަން ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރަން،" ހައިދަރު ވިދާޅުވި އެެވެ.

ހައިދަރު ވިދާޅުވީ ދެ ފިޔަވައްސަކަށް ބަހާލައިގެން މިނިމަމް ވޭޖް ރިވިއުކުރުމަށް އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދީފައިވާ ކަމަށާއި އެ މަސައްކަތް ޑިސެމްބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *