ރ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ރ. އަތޮޅުގެ ރައްޔިތުންނަށް ހިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާދަމާ އިން ފެށިގެން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އަހުލުވެރި ކުރުމުގެ ދަތުރުތަކަށްފަހު ޖުލައި ތިން ވަނަ ދުވަހުން ފެށިގެން އާރްޓީއެލް ފެރީ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ ގޮތުން އާރްޓީއެލް ވެބްސައިޓާޢި މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޓިކެޓް ބައްލަވައި ގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެ މިނިސޓްރީން ބުންޏެވެ.
ރ. އަތޮޅުގައި މި ހިދުމަތް ފެށުމާއެކު ރާއްޖޭގެ 10 އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާނެ އެވެ.
އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.
މި މަޝްރޫއުއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން ހަ ޒޯނަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ.




