ނިޔާވީ ސިފައިންގެ މީހެއް، ރައީސްގެ ތައުޒިޔާ

ސިފައިންގެ ކުންފުނި — ސިވެކްގެ ލޭންޑިން ކްރާފްޓެއް މިއަދު ހެނދުނު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ސިފައިންގެ މީހެއްކަން ޔަގީންވެއްޖެ އެވެ.

ނިޔާވީ ތ. ހިރިލަންދޫއަށް ނިސްބަތްވާ އެމްއެންޑީއެފްގެ ވޮރަންޓް އޮފިސާ 2 އަލީ ހާމިދު އެވެ.

އަލީ ހާމިދު ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި އަލީ ހާމިދު، ދުނިޔެއާއި ވަކިވެގެންދިއުމަކީ އެމަނިކުފާނަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެއްް ކަމަށެވެ.

އަލީ ހާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ހިދުމަތް ކުރައްވާފަ އެވެ. ނިޔާވީވެސް ގައުމީ ހިދުމަތަށްޓަކައި ސިފައިންގެ ޑިއުޓީގައި އުޅުއްވަނިކޮށެވެ.

މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުންޖަހާލީ "އެލްސީ 308″ ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެކެވެ. އެ ވަގުތު އެ އުޅަނދުގައި ހަ މީހުން ދަތުރުކުރިއިރު އެ މީހުންގެ ތެރޭގައި ހިމެނޭ ބަންގްލަދޭޝް މީހަކު އަދިވެސް ނުފެނެ އެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *