ޖޫންގެ ނިޔަލަށް 364 މިލިއަން ޑޮލަރު މާރުކޮށްފި

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން ފާއިތުވި ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފި އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާއެކު ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު ވަނީ 21 ޕަސެންޓް އިތުރުވެފަ އެވެ.

އެ ގޮތުން ފާއިތުވި ހަތަރު އަހަރު ބޭންކްތަކަށް ވަންނަ ޑޮލަރުގެ އަދަދު ހުރީ 10 ޕަސެންޓްގައި ކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސެންޓް އެމްއެމްއޭއަށް ނަގާ ގޮތަށް ހަމަޖެއްސީ މި އަހަރުގެ މޭ މަހު އެވެ.

ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ގެޒެޓް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭއިރު "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ 20 ޕަސެންޓް މާރުކުރަން ޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *