ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު 65،000 އަށްވުރެ ގިނަ އެނދު ބޭނުންކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް މިހާރު ހިންގަމުންދާ 1،254 ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 65،143 އެވެ.
މީގެ ތެރޭގައި 174 ރިސޯޓުގައި ހުރި 43،247 އެނދާއި، 903 ގެސްޓުހައުސްގައި ހުރި 15،494 އެނދާއި، 161 ސަފާރީގައި ހުރި 3،918 އެނދުގެ އިތުރުން 16 ހޮޓެލްގައި ހުރި 2،484 އެނދު ހިމެނެ އެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް 1،271 ތަނެއް ދިޔައީ ބޭނުންކުރަމުންނެވެ. އޭރު ހުރި އެނދުގެ އަދަދަކީ 63،248 އެވެ.
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 1.49 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މީގެ ތެރެއިން އެއް މިލިއަން ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.




