ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީއާ އަދި އިތުރު ބައެއް ބާވަތްތައް ރާއްޖެއަށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ނިންމެވުން ހާމަކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއް ގައެވެ.
ދިވެހިރާއްޖޭގައި ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ސިޔާސަތެކެވެ.
ރައީސް ޕޯސްޓްގައި މެނިފެސްޓޯގައި އޮތް ސިޔާސަތު ފާހަގަކުރައްވަމުން ވިދާޅުވީ އެ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައް ކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުވި ރާއްޖެއަށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
މިބާވަތްތައް ރާއްޖެއަށް ގަނޑުކޮށް އެތެރެކޮށް އަދި ވިއްކުމަށް ހަވާލުކުރަން ނިންމާފައިވަނީ އެސްޓީއޯ އަށެވެ.
ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީއާ އަދި އިތުރު ބައެއް ބާވަތްތައް ރާއްޖެއަށް ގަނޑުކޮށް އެތެރެކޮށް ވިއްކުމަށް ނިންމާފައި މިވަނީ ބައެއް މޭވާއާއި ތަރުކާރީގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ގޮސްފައި ވަނިކޮށެވެ..




