ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުގެ ލިސްޓަށް އިތުރުކުރެވުނު 23 ބާވަތް އެސްޓީއޯ އިން ރާއްޖެ ގެންނަން ނިންމައިފި އެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް އިތުރު 23 ބާވަތެއް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން އިތުރު ކުރެވުނު 23 ބާވަތް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް އެސްޓީއޯއާއި ހަވާލު ކުރެވިގެންދިއުމާއެކު، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހަމަޖައްސައި، މި މަސައްކަތް ތަންފީޒް ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
މިއާއިއެކު މި އިތުރު ކުރެވުނު 23 ބާވަތުގެ ކާބޯތަކެތި، ހެޔޮ އަގުގައި އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެކަމުގެ ޔަގީންކަން އެސްޓީއޯއިން ވަނީ ދީފަ އެވެ.
އެގޮތުން ނިމިދިޔަ ހަފުތާއިން ފެށިގެން އޮރެންޖު ރީޓެއިލްކޮށް، 35 ރުފިޔާއަށް ކިލޯއެއްގެ ރޭޓުން އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ވަނީ ބާޒާރަށް ނެރެފަ އެވެ. އަދި ކުރިއަށް އޮތް ހަފުތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލުވެސް ބާޒާރަށް ނެރޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ އިން ބުނީ މިކަން ކަމަށް ތައްޔާރުވުމަށްޓަކައި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޒަަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން މި 23 ބާވަތުގެ ތެރެއިން ރާއްޖޭގައި އުފެއްދޭނެ ބާވަތްތަށް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި ރާއްޖެއިން ބޭރުން ރަނގަޅު ފާޓައިލް ބިންތަކަށް އިންވެސްޓް ކުރެވިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯއަކީ ކާޑުގެ ބާވަތްތައް ކަށަވަރު ކުރުމުގައި ދިގު ތާރީހަކާއި ތަޖުރިބާ ހުރި ކުންފުންޏެކެވެ. މިއާއެކު އަމާޒަކީ މި ބަދަލުގެ ސަބަބުން އަސާސީ ކާބޯތަކެތި ހެޔޮ އަގެއްގައި ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން ކަށަވަރުކޮށްދިނުން ކަމަށްވެސް އެކުންފުނިން ބުނެފައިވެ އެވެ.




