އޮގަސްޓް މަހު މީރާއަށް 2.12 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ އޮގަސްޓް މަހު އާމްދަނީގެ ގޮތުގައި 2.12 ބިލިއަން ރުފިޔާ ބަލައިގަނެފި އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 6.9 ޕަސެންޓް އަދި މި އަހަރުގެ އޮގަސްޓް މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.1 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މި އަހަރުގެ އޮގަސްޓްގައި ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެ، ޓޫރިޒަމް ދާއިރާގެ ޓެކްސް އާމްދަނީ އިތުރުވުން ހިމެނޭ ކަމަށް މީރާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ގްރީން ޓެކްސް ރޭޓާއި އެއާޕޯޓް ޓެކުހާއި ފީގެ ރޭޓް ބޮޑުވުމަކީވެސް އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރެ އެވެ.

މީރާއަށް އޮގަސްޓް މަހު ލިބުނު އާމްދަނީގެ 54.7 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 1.16 ބިލިއަން ރުފިޔާ މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވެ އެވެ.

މީރާއަށް މިދިޔަ މަހު ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ.

އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 240.6 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޮގަސްޓް މަހުގެ ޖުމްލަ އާމްދަނީގެ 11.4 ޕަސެންޓެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165.0 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 162.5 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ.

މީރާއަށް މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 89.04 މިލިއަން ޑޮލަރު ހިމެނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *