އެސްބީއައިއަށް 50 މިލިއަން ޑޮލަރު ދެއްކުން އަނެއްކާވެސް ފަސްކޮށްދީފި

ދިވެހި ސަރުކާރަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވިއްކި ޓީ ބިލްގެ ތެރެއިން އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާއިން އަނެއްކާވެސް ފަސްކޮށްދީފި އެވެ.

އެސްބީއައި އިން ވިއްކި ޓީ ބިލް އަނބުރާ ދެއްކުން ފަސްކޮށްދިންކަން ފިނޭންސް މިނިސްޓްރީން ހާމަކުރީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އިސް ވަފުދަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމަކަށްފަހު އެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ޖީ. ބާލާސުބްރަމަނިއަން އެވެ. އެމަނިކުފާނުގެ އަރިހުގައި ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ހާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން އެސްބީއައި އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިއަން ޑޮލަރުގެ ޓީ ބިލްގެ މުއްދަތު މިއަދަށް ހަމަވުމުން އިތުރުކުރެވޭނެކަން ކަށަވަރުކުރެވުނެވެ. މި ޓީ ބިލް ދެއްކުމުގެ މުއްދަތު އިންޑިއާއިން މީގެ ކުރިންވެސް ވަނީ އިތުރުކޮށްދީފަ އެވެ.

މި ނިންމުމުން ހާމަވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ އިގުތިސާދީ ގުޅުން މުރާޖައާކޮށް ހަރުދަނާކުރުމަށް ވަނީ މަޝްވަރާކޮށްފަ އެވެ،

އެ ގޮތުން އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުސަތުތަކާމެދު މަޝްވަރާކޮށްފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *