އާ ޓާމިނަލުން ބެއިޖިން ކެޕިޓަލްއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ބެއިޖިން ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފަށައިފި އެވެ.

މިއީ ވީއައިއޭގެ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި ޗައިނާގެ ފުރަތަމަ އެއާލައިނެވެ. އަދި މިއީ އ ޓާމިނަލުން ހިދުމަތް ދޭން ފެށި ފަސްވަނަ އެއާލައިނެވެ.

ޓާމިނަލް 1 އިން ބެއިޖިން ކެޕިޓަލް އެއާލައިންސަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ ސީއީއޯ އާދިލް މޫސާ އެވެ.

މިރަސްމިއްޔާތުގައި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 248 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބެއިޖިން ކެޕިޓަލް އެއާލައިންސްގެ ފުރަތަމަ މަތިންދާބޯޓު، ޖޭޑީ455-6 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 276 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ބެއިޖިން ކެޕިޓަލް އެއާލައިންސަކީ ބެއިޖިން ޑެޒިންގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުވެފައި އޮންނަ ލޯ-ކޯސްޓް އެއާލައިން އެކެވެ.

ޓާމިނަލް 1 އިން މިހާރު ދަނީ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން, ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އެއާ އަރަބިއާ, ލަގްޒަރީ އެއާލައިން ބިއޯންޑް, ސްރީ ލަންކާގެ ލޯ-ކޯސްޓް އެއާލައިން ފިޓްސް އެއާއަށް ހިދުމަތް ދެމުންނެވެ.

މި ހަފްތާގެ ތެރޭގައި އިތުރު ދެ އެއާލައިނެއް އާ ޕެސެންޖާ ޓާމިނަލަށް ބަދަލުކުރަން ވަނީ ނިންމާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *