ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2025ގައި 4،500 ދުވުންތެރިން ރަޖިސްޓާ ވެއްޖެ އެވެ.
މި ރޭހުގައި 4،500 ދުވުންތެރިން ރަޖިސްޓާވުމާއެކު ދިރާގުން ވަނީ ރޭހުގެ އޮފިޝަލް ކައުންޓްޑައުން ފަށާފަ އެވެ.
ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 24 ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކްގަ އެވެ.
މި އިވެންޓްގައި 21.1ކޭ — ހާފް މެރަތަން ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ދަންވަރު 2:30 ގަ އެވެ. 10ކޭ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފަތިހު 5:30ގަ އެވެ. އަދި 5ކޭ ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30ގަ އެވެ.
ޑީއެމްއާރްއާރްއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ގިނަ މީހުން އިންތިޒާރުކުރާ ދުވުމުގެ އިވެންޓެވެ.
މިއީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުމުގެ އިވެންޓުގައި ސަރަހައްދީ ގައުމުތަކުގެ ދުވުންތެރިން ވެސް ބައިވެރިވެ އެވެ.
މި އިވެންޓަކީ އެއްބައިވަންތަކަމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމުގެ ރޫހެއް އުފެއްދުމުގެ އިތުރުން މުހިންމު އިޖުތިމާއީ ކަންކަމަށް ހޭލުންތެރިކަން ގެނެސްދޭ އިވެންޓެކެވެ. މި އަހަރު ޑީއެމްއާރްއާރްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
މި ރޭހުގެ އިތުރު މައުލޫމާތު ރޯޑް ރޭސް ވެބްސައިޓުން ލިބޭނެ އެވެ.




