ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކުރާ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
މި ސްކީމު ފަރުމާކޮށްފައި ވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭ ގޮތަށެވެ.
ސްކީމްގެ ދަށުން ރަހުނަކާއެކު ފަސް ލައްކަ ރުފިޔާ އަދި ރަހުނަކާ ނުލައި 150،000 ރުފިޔާގެ ލޯނު ދޫކުރާނެ އެވެ. 9.5 ޕަސެންޓް ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ލޯނަކީ ހަ މަސް ދުވަހުގެ ގްރޭސް ޕީރިއެޑަކާއެކު ދޫކުރާ ލޯނެކެވެ. ލޯނު ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބެ އެވެ.
ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކުރާ ލުއިލޯނަށް ދެ ހަފްތާ ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިމަހުގެ 14 ވަނަ ދުވަހު ވިދާޅުވި އެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމްކޮށް ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.




