ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރު ފަތުރުގެ ނިޒާމަކުން ގުޅާލައިފި އެވެ.
ގައުމީ އެއާލައިން — މޯލްޑިވިއަން އިން މިދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.
މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 1 ފެބްރުއަރީން ފެށިގެންނެވެ.
ދެކުނުގެ ހަތަރު އަތޮޅު ވައިގެ ދަތުރުފަތުރުން ގުޅާލުމަށް މިއަދު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ބައެއް ވަޒީރުންނާއި މޯލްޑިވިއަންގެ އިސްވެރިން ބައިވެރިވެ އެވެ.
މޯލްޑިވިއަން އޮޕަރޭޓް ކުރާ ކުންފުނި — އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާޙީމް އިޔާސް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓް، ބޭސް އަކަށް ބަލައިގެން ކުރާ މިދަތުރުތަކުގައި ބޭނުންކުރާނީ ފުރޮޅުލީ ޓްވިން އޮޓާ މަތިންދާ ބޯޓު ކަމަށެވެ. މިދަތުރުތަކާއެކު އައްޑޫ އާއި ޖުމްލަކޮށް ދެކުނުގެ ހަތަރު އަތޮޅުގެ ޓޫރިޒަމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފަސް ރޫޓަކަށް ބަހާލައިގެންނެވެ. އެއީ، އައްޑޫ ސިޓީގެ ގަމުން ގއ. ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓުގެ އިތުރުން ފުވައްމުލަކަށް ދަތުރު ކުރާ ގޮތަށާއި ފުވައްމުލަކުން ކާޑެއްދޫ އަދި ކޫއްޑޫއަށް ދެވޭ ގޮތަށެވެ.
މޯލްޑިވިއަންގެ ދެކުނުގެ ދަތުރުތަކުގެ އަގުތައް
ގަން – ފުވައްމުލައް – 500 ރުފިޔާ
ފުވައްމުލައް – ކޫއްޑޫ – 650 ރުފިޔާ
ފުވައްމުލައް – ކާޑެއްދޫ – 650 ރުފިޔާ
ގަން – ކާޑެއްދޫ – 900 ރުފިޔާ
ގަން – ކޫއްޑޫ – 900 ރުފިޔާ
މޯލްޑިވިއަނުން ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލާފައިވާއިރު ސީޕްލޭން ދަތުރުތައް ރޭގަނޑު ނުކުރެވޭ ރަށްތަކަށް ކުޑަ އެއާސްޓްރިޕެއް ބޭނުންކޮށްގެން ސީޕްލޭންގެ ކުދި ބޯޓުތަކުގައި ރޭގަނޑު ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފަ އެވެ.




