ފާއިތުވި 2025 ވަނަ އަހަރު އެސްޓީއޯގެ ވިޔަފާރި ރަނގަޅުވެ ޖުމްލަ އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މީގެ ކުރީ އަހަރާ އަޅާ ބަލައިއިރު 98 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމާއެކު ކުންފުނީގެ ފައިދާ އިތުރުވެ ޓެކްސްއަށް ކެނޑުމުގެ ކުރިން މި މިދިޔަ އަހަރު ވަނީ 910 މިލިއަން ރުފިޔާ ލިބިފަ އެވެ.
ޓެކުހަށް ކެނޑުމަށްފަހު، މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 762 މިލިއަން ރުފިޔާ ލިބުނުއިރު މިއީ އޭގެ ކުރީ އަހަރަށްވުރެ ތިން އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތެރެއިން 4.1 ބިލިއަން ރުފިޔާ ލިބުނީ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގަ އެވެ.
މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައިއިރު 8 އިންސައްތައިގެ އިތުރުވުމެކެވެ. ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނީގެ ހުރިހާ ދާއިރާތަކުގެ ވިޔަފާރި ރަނގަޅުވެފައިވުންކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.
އެގޮތުން ތެލުގެ އާމްދަނީ ހަތަރު އިންސައްތައިން އިތުރުވެފައިވާއިރު އެހެނިހެން އާމްދަނީ ވަނީ 19 އިންސައްތައިން ވަނީ އިތުރުވެފަ އެވެ.
ޖުމްލަ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 671 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރާއި އަޅާބަލައިއިރު 11 އިންސައްތައިގެ އިތުރުވުމެކެވެ.
ހިންގުމުގެ ފައިދާ އޭގެ ކުރީ ކުއާޓަރަށްވުރެ 11 އިންސައްތައިން އިތުރުވެ، 322 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވުމާއެކު ޓެކްސްއަށް ކެނޑުމުގެ ކުރިން ވަނީ ސާފު ފައިދާގެ ގޮތުގައި 276 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މީގެ ކުރީ ކުއާޓަރަށްވުރެ 20 އިންސައްތައިގެ އިތުރުވުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު، މި ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 244 މިލިއަން ރުފިޔާ ލިބިފަ އެވެ.




