އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މިސްޓަ ޝާޑީ ގަވަސްމީ މިއަދުން ފެށިގެން އައްޔަންކޮށްފި އެވެ.
ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ.
އުރީދޫ ގްރޫޕުގައި ގަވަސްމީ މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރު އެވެ. އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ފުރައި، އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި އާ ޓެކްނޮލޮޖީތައް ތައާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ.
އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ގުނަ ތަޖުރިބާތަކެއް ހޯދާފަ އެވެ.
އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ފާހަގަކޮށްލެވެ އެވެ.
ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ގަވަސްމީ ވަނީ އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފަ އެވެ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވާފައިވާއިރު އުރީދޫ އިން ވަނީ އެ ކުންފުނީގެ ކުރީގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު ޙަސަން އެމް އޭ އަލް-ޙަމާދީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
ޚާލިދުގެ ލީޑަޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފު ކުރެވުނު ކަމަށާއި މާސްޓާ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބަ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވިފައިވާކަން އުރީދޫ އިން ފާހަގަކުރެ އެވެ.
މީގެ އިތުރުން މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ޚިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއަރ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ޚާއްޞަ ކޭބަލަކާއި ގުޅުވާލުން އުރީދޫ އިން ވަނީ ފާހަގަކޮށްފަ އެވެ.
އުރީދޫ މޯލްޑިވްސްގައި ޚާލިދު ހޭދަކޮށްފައިވާ ދުވަސްތަކުގައި ހޯދާފައިވާ އެހެނިހެން ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދުމާއި، ކ. ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުން ހިމެނެ އެވެ. އަދި، މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީ ދާއިރާއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އިޖުތިމާޢީ ޒިންމާގެ މުހިންމު މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ ކަންކަމެވެ.




