ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް — ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ސީޒަން 2 ލޯންޗްކޮށްފި އެވެ.
ޑީޖީޖީ ސީޒަން 2 ލޯންޗުކުރީ ދިރާގު ހެޑް އޮފީހުގައި ރޭ ބޭއްވި އިވެންޓެއްގަ އެވެ.
މި އިވެންޓްގައި މި އަހަރަށް ރާވައިފައިވާ މުބާރާތްތަކާއި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން އެކި ގޭމިން ހަރަކާތްތައް ކުރިއަށްދިޔައިރު "ފެންފުޅި" ބޭންޑުން ވަނީ ފޯރިގަދަ މިއުޒިކީ ހުށަހެޅުންތަކެއް މި އިވެންޓްގައި ހުށަހަޅާފަ އެވެ.
މިދިޔަ 2025 ވަނަ އަހަރަކީ ދިވެހި ގޭމިން ދާއިރާގައި ޑީޖީޖީއިން ބޮޑެތި ކާމިޔާބީތަކެއް ހޯދި އަހަރެެއްކަން ފާހަގަކޮށް ދިރާގުން ބުނީ 11،000 އަށްވުރެ ގިނަ ގޭމް ކުޅުންތެރިން އެ ޕްލެޓްފޯމުގައި ރަޖިސްޓަރީވެ ތަފާތު 13 ކެޓަގަރީއަކުން 17 މުބާރާތް ކާމިޔާބުކަމާއެކު ބާއްވައި، ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 350,000 ރުފިޔާ ދީފައިވާ ކަމަށެވެ. މީގެ އިތުރުން، ގިވްއަވޭގެ ގޮތުގައި ޖުމްލަ 150,000 ރުފިޔާގެ އަގުހުރި އިނާމުތައް ދީފައިވެ އެވެ.
މިދިޔަ އަހަރު ބޭއްވި އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ އޮގަސްޓް މަހު ބޭއްވި ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް އެވެ. މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވި އެންމެ ބޮޑު ގޭމިން ހަރަކާތެވެ.
މި ހުރިހާ މަސައްކަތްތަކަކީ ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއަރުވައި، ވާދަވެރި ގޭމިން މާހައުލެއް ބިނާކުރުމަށް ޑީޖީޖީއިން ކުރާ މަސައްކަތްތަކުގެ ހެތްކެތް ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުން ބުނީ ޑީޖީޖީގެ އަމާޒަކީ މިއަހަރު ގޭމިން ކޮމިއުނިޓީ އިތުރު އާ އުސްމިންތަކަކަށް ގެންގޮސްދިނުމެވެ. މީގެ ތެރޭގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ ގޮތުން މުބާރާތްތައް ބޭއްވުމާއި، ޑީޖީޖީގެ ފުރަތަމަ ބައިނަލްއަގުވާމީ އޮންލައިން މުބާރާތް ބޭއްވުން ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.
މި ރަސްމިއްޔާތުގައި ޑީޖީޖީގެ "ލީޑާބޯޑްސް" ތައާރަފުކޮށް މި އަހަރުގެ ތެރޭގައި "ގިލްޑް ފީޗާސް" ތައާރަފް ކުރާނެކަން ވަނީ އިއުލާނުކޮށްފަ އެވެ. މީގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ވާދަވެރި ރޫހު އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
މި ހަފުލާގައި ރާއްޖޭގެ އީ-ގޭމިން ދާއިރާ ވަރުގަދަކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޑީޖީޖީގެ ޕާޓްނަރުން އަގުވަޒަންކޮށް، ހަނދާނީ ފިލާ ވަނީ އަރުވައިފަ އެވެ.
މި ގޮތުން، ޑީޖީޖީގެ ޕްރީމިއަމް ސްޕޮންސާ "މިނީސޯ" އާއި އެލީޓް ޕާޓްނަރުން ކަމަށްވާ "ވިލާ މާޓް" "މެގަޗިޕް" އަދި "ޝީޝާ" އަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް ޑީޖީޖީއަށް އެހީތެރިކަން ފޯރުކޮށްދީ މުހިންމު ދައުރެއް އަދާ ކުރަމުންދާ ފަރާތްތަކެއްކަން ދިރާގުން ފާހަގަކުރެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ދިވެހިރާއްޖޭގެ ގޭމިންގް ދާއިރާ އާ އުސްމިންތަކަކަށް ގެންދިއުމަށް ދިރާގުން ކުރަމުންދާ މަސައްކަތުގައި، 'ޑީޖީޖީ' އިން ދަނީ ނަމޫނާ ދައްކަމުންނެވެ.
ޑީޖީޖީގެ އިތުރުން މައުލޫމާތު ޑީޖީޖީ ވެބްސައިޓުން ލިބޭނެ އެވެ.




