މިފްކޯގެ މަސްފިހާރަ ހުކުރު ދުވަހުވެސް ހުޅުވުމަށް ނިންމައިފި އެވެ.
މި ބަދަލާއެކު މިފްކޯގެ ރީޓެއިލް ފިހާރަ ހުޅުވާފައި ހުންނަ ގަޑިތަކަށް މިއަދުން ފެށިގެން ވަނީ ބަދަލު ގެނެސްފަ އެވެ.
އެ ގޮތުން ހުކުރު ދުވަހު ހެނދުނު 8:30 އިން 10:30 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށާއި އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި، ހެނދުނު 8:30 އިން ރޭގަނޑު 11:00 އަށް ފިހާރަ ހުޅުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.
މިފްކޯ އިން ބުނީ މާލެއާއި ހުޅުމާލޭގައި ގާއިމުކޮށްފައިވާ މިފްކޯގެ މަސްފިހާރަތަކާއި އައްޑޫ މަސްފިހާރައިން މިއަދުން ފެށިގެން މިބަދަލާ އެއްގޮތަށް ޚިދުމަތް ދެމުން ދާނެ ކަމަށެވެ.
މި ނިންމުން ނިންމީ ހުކުރު ދުވަހަކީ އާއިލީ ބައްދަލުވުންތަކާއި މެންދުރުގެ ހާއްސަ ކެއުންތަކަށް ދިވެހިން ބޮޑު އިސްކަމެއްދޭ ދުވަހަކަށްވެފައި، އެ ވަގުތުތަކަށް ބޭނުންވާ ތާޒާ މަހުގެ ބާވަތްތައް ފަސޭހަކަމާއެކު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގުސަގައި ކަމަށާއި އެ ގޮތުން ކޮންމެ ހުކުރު ދުވަހަކަށް ހާއްސަކޮށްގެން ތަފާތު ބާވަތްތަކުގެ އުފެއްދުންތައް ބާޒާރަށް ނެރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.




