އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު ބާއްވަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، ކޮންގްރެސް ސެޕްޓެމްބަރު 19 ގައި ބޭއްވުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ގައުމީ މަޖިލީހުގައި މި ހުށަހެޅުމަށް ބަހުސް ކުރިއިރު ބައެއް މެންބަރުން ވަނީ ގައުމީ މަޖިލިސްވެސް ސެޕްޓެމްބަރު 25 ގައި ހަމަވާކަން ފާހަގަކޮށްފަ އެވެ. އެހެންވެ އެ އިންތިހާބަށްފަހު ކޮންގްރެސް ބޭއްވުމަށް ބައެއް މެންބަރުން ބޭނުންވި އެވެ.
ނަމަވެސް ކޮންގްރެސް ކުރިން ބޭއްވުމަށް ހުށަހެޅުއްވީ ޕާޓީގެ ހިންގުން ހިމެނޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނައިރު އޭގެ ތެރޭގައި ގައުމީ މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ހުށަހެޅުއްވި ގޮތަށް ސެޕްޓެމްބަރު 19ގައި ކޮންގްރެސް ބާއްވަން ފާސްވީ ޖަލްސާގައި ބައިވެރިވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ވޯޓުންނެވެ.




