އެމްޑީޕީން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމި "ދަތިވެއްޖެ" މުޒާހަރާ 13 ވަނަ ދުވަހުގެ ރެއަށް ފަސްކޮށްފި އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ކުރީގެ ނައިބުރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ މިހާރު މި އޮތް ސަރުކާރު ބަދަލު ކުރުމުގެ ހާލަތު ކުރިމަތިވެފައިވާ ކަމަށެވެ.
މި ސަރުކާރު ބަދަލުކުރުމަށް އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަ ކުރަންޖެހޭ ކަމަށާއި އެހެންވެ 13 ވަނަ ދުވަހަކީ ސަރުކާރަށް ޕްރެޝަރު ކުރުމުގެ ގޮތުން މުޒާހަރާއަށް ނިކުންނަ ދުވަސްކަން ޝިފާޒް އިއުލާނު ކުރެއްވި އެވެ.
"ހާއްސަކޮށް 13 ވަނަ ދުވަސް އަޅުގަނޑުމެން މި ފާހަގަ ކުރަނީ އަލުން އަނބުރާ އަޅުގަނޑުމެން މިހާރު މި ރާއްޖެއަށް ދިމާވެފައި އޮތް ހާލަތު ބަދަލު ކުރުމަށް ސަރުކާރަށް ޕްރެޝަރު ކުރުމަށްޓަކައި މުޒާހަރާކުރާ ދުވަހެއްގެ ގޮތުގައި،" ޝިފާޒް ވިދާޅުވި އެވެ.
މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 8:30 ގައި މަޖީދީމަގު ސޯޝަލް ސެންޓަރު ސަރަހައްދުންނެވެ.
ޝިފާޒް ވިދާޅުވީ ސަރުކާރުގެ ކަންކަން ހުރި ގޮތް ރައްޔިތުންނާ ހިސާބަށް ގެނެސްދޭނެ ކަމަށާއި މި މުޒާހަރާ އެންމެ ބޮޑަށް އަމާޒުކުރާނީ މިހާރު ރާއްޖެއަށް ދިމާވެފައި އޮތް ހާލަތަށް ކަމަށެވެ.
"ތަކެތީގެ އަގު އިންތިހާ ބޮޑުވެ ދިރިއުޅުމުގެ ހަރަދު ބޮޑުވެ އަޅުގަނޑުމެންނަށް ދެކޮޅު ނުޖެހިގެން އުޅޭ ހާލަތަށް. މިހާލަތު އަޅުގަނޑުމެންނަށް ކުރިމަތިވެގެން އުޅޭ ސަބަބާ، މިހާލަތުން އަޅުގަނޑުމެން އަރައިގަތުމަށް އަޅުގަނޑުމެންގެ ނަޒަރުގަ ސަރުކާރުން ކަންކަން ކުރަންޖެހޭނެ ގޮތުގެ ވާހަކަތައް އަޅުގަނޑުމެން މުޒާހަރާގަ ގޮވަމުންދާނަން،" ޝިފާޒް ވިދާޅުވި އެވެ.
ޝިފާޒް ވިދާޅުވީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭ ކަމަށާއި ބޭހާއި އާސަންދަ ނުލިބޭ ކަމަށެވެ.




