މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުން ދައުލަތުގެ މާލިއްޔަތަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް އަދި ތަރައްގީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމައުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިހުލާސްތެރިކަމާއެކު، އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
ހަގީގީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި ވިލުންތެރިކަން އިތުރުކޮށް ދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުން ކަމަށް ރައީސް ވިދާޅުވި އެވެ.
ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުން ކަމަށާއި އެހެންކަމުން މިއީ ދައުލަތްތަކުގެ އުއްތަމަ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަން ރައީސް ފާހަގަކުރެއްވި އެވެ.




