ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށްދާތީ އެހީތެރިވުމުގެ މަސައްކަތް ކުރަމުންދިޔަ ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިއްޖެ އެވެ.
ފްރެންޑް 4 ނަމަކަށް ކިޔާ ސަޕްލައި ދޯނި ދިޔަވާން ފެށިއިރު އެ ވަގުތު އެ ދޯނީގައި 8 މީހަކު ތިއްބެވެ.
ފުލުހުން ބުނީ ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ރޭ 11:22 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ދޯނި ވަނީ މުދަލާއެކު އަޑިއަށް ގޮސްފަ އެވެ.
ދޯނީގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށާއި އެމީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ދަނީ ކުރަމުންނެވެ.




