އިދިކޮޅު އެމްޑީޕީއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދޭތެރެއިން ފަރާތެއް އިހްތިޔާރު ކުރަންޖެހޭ ހާލަތެއްގައި އަދިވެސް އިހްތިޔާރުކުރާނީ ރައީސް ޑރ. މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ބާއްވަމުން ގެންދަވާ ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ރޭ ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ ހަމައެކަނި ނަމެއްގައި ޑިމޮކްރެޓިކް ވެގެން އުޅޭ ޕާޓީއެއް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީއަކީ ޑިމޮކްރަސީގެ ހަމަތަކާއި އަސާސްތަކަށް ފާޅުގައި އަރައިގަންނަމުންދާ ޕާޓީއެއް ކަމަށެވެ. އެމްޑީޕީން އެންމެ ރަނގަޅަށް ކުރާ ކަމަކީ ތަންތަނުގައި ހުޅުޖެހުން ފަދަ ނުރައްކާތެރި އަމަލުތައް ހިންގުން ކަމަށްވެސް ވިދާޅުވި އެވެ.
"އެމްޑީޕީގެ މައްޗަށް އަޅުގަނޑު ޗޫޒް ކުރާނީ މުއިއްޒު އެނގޭތޯ. އެމްޑީޕީން ރާއްޖޭގެ ހުރިހާ މުއައްސަސާތައް، ކޮބައިތޯ މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތް؟ ޖޭއެސްސީ ހުޅުވައިގެން ރޭގަނޑު ދަންވަރު ކުރި ކަންތައް ކޮބައިތޯ؟ އެމީހުންނަކީ ފާޅުގައި ޑިމޮކްރަސީގެ އަސާސްތަކަށް އަރައިގަތް ބައެއް ނޫންތޯ،" ޔާމީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރާ މެންބަރުންނަކީ ތައުލީމީ ގޮތުން ވަކި ފެންވަރެއް ހުންނަންޖެހޭ ބަޔަކަށް ހަދަން ނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެފައިވާތީ ރައީސް ޔާމީން ވަނީ އެކަމަށްވެސް ރައްދުދެއްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީން ކޮރަޕްޝަން ނައްތާލާ ވާހަކަ ދައްކާއިރު މަޖިލީހާއި އެހެން އިދާރާތަކުގައިވެސް ތިބެންޖެހޭނީ އިލްމީ ބޭފުޅުން ކަމަށެވެ. އިލްމެއް ހުރި ނަމަ ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަތުމަށް ޖެހިލުންވާނެ ކަމަށްވެސް ވިދާޅުވި އެވެ. ކޮރަޕްޝަން ނައްތާލަން ބޭނުންވާނަމަ މަޖިލީހަށް އިލްމީ ބޭފުޅުން ހޮވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ތިއްބަވައިގެން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" މިގައުމަށް އުފުލެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެއީ ވަރަށް ބޮޑު ތަކުލީފެއް،" ޔާމީން ވިދާޅުވި އެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާތީ މިގައުމުގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ހިންގަން ވާނީ މި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. ކަންކަމަށް ބަދަލު އަންނަ ފަދައިން ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކަށްވެސް ބަދަލު އަންނަންވާނެ ކަމަށްވެސް ވިދާޅުވި އެވެ.




