އެ
ސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމީ އުސޫލުން ރީފައިނޭންސް ކުރުމަށް ހާއްސަ އޯޕަންޑޭއެއް ބާއްވަން ނިންމައިފި އެވެ.09
މި އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗްގައި ހެނދުނު 9 އިން ހަވީރު 4 އަށެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނި ގޮތުގައި މި އޯޕަންޑޭގެ މައިގަނޑު މަގުސަދަކީ މިހާތަނަށް ދޫކޮށްފައިވާ ހުރިހާ ކޮންވެންޝަނަލް ލޯނެއް އިސްލާމީ އުސޫލުން ރީފައިނޭންސްކޮށް، ޝަރީއާ ކޮމްޕްލަޔަންޓް ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަރުހަލާތައް ވަގުތުން ފުރިހަމަކުރުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ރީފައިނޭންސިން އޮފާތައް ފޮނުވާފައިވާ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލް އިން ބުނީ މި ހަރަކާތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޓީމުގެ އެހީތެރިކަމާއެކު، ކަސްޓަމަރުންނަށް ލިބިފައިވާ އޮފާތައް ބަލައި، އިތުރު މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަދި އޮފާ ގަބޫލުކުރާ ފަރާތްތަކަށް އައު އެއްބަސްވުމުގައި ސޮއިކޮށް، ރީފައިނޭންސް ކުރުމުގެ މަރުހަލާ މި ހަރަކާތުގެ ތެރެއިން ނިންމާލެވޭނެ ކަމަށެވެ.
އެހެންވެ، ރީފައިނޭންސް ކުރަން އަންނައިރު އައިޑީ ކާޑު ގެނައުމަށްް އެސްއެމްއީ ޑިޖިޓަލް އެދިފައިވެ އެވެ.
އިސްލާމިކް ފައިނޭންސްއަށް ލޯނު ބަދަލުކުރުމުން ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެކަން އެސްއެމްއީ ޑިޖިޓަލް އިން ވަނީ ފާހަގަކޮށްފަ އެވެ.
އޭގެ ތެރޭގައި އިސްލާމީ އުސޫލުން އައު ފެސިލިޓީއެއް އެކުލަވާލުމާއި، ފައިސާ އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބި، މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަވުން ހިމެނެ އެވެ.
މީގެ އިތުރުން، އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް، އައު އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން ކުރިއަށް އޮތް ހަ މަސްދުވަހު ގަވާއިދުން ފައިސާ ދައްކައިގެން ކްރެޑިޓް ރިކޯޑު ރަނގަޅު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަގުގައި އެސްއެމްއީ ޑިޖިޓަލްއިން އިތުރު ފައިނޭންސިން ހޯދުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.
އެސްއެމްއީ ޑިޖިޓަލް އިން ފާހަގަކުރި ގޮތުގައި މި ބަދަލަކީ އެސްއެމްއީ ޑިޖިޓަލްއަކީ ފުރިހަމަ އިސްލާމިކް ފައިނޭންސް ފޯރުކޮށްދޭ މާލީ އިދާރާއަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.




