މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޭވިއޭޝަން އިންސްޓިޓިއުޓް — އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއިމް އިފްތިތާހްކޮށްދެއްވީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުޤީ އެވެ.
ރަސްމީކޮށް އެއިމް އިފްތިތާހް ކުރުމުގެ އިތުރުން އެ އިންސްޓިޓިއުޓުން ކުރިއަށް ގެންދިޔަ ތަމްރީންތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ފުރަތަމަ ފަހަރަށް ދަސްވެނިވި ބައިވެރިންގެ ދަސްވެނިވުންވެސް މިއަދު ކުރިއަށް ގެންގޮސްފައިވެ އެވެ.
މިރަސްމިއްޔާތުގައި ސެޓްފިކެޓް ލެވެލް 3 އިން އެއާޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ދަސްވެނިވެފަ އެވެ.
މިރަަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވީ އެމްއޭސީއެލްގެ ކުރިއެރުން ބިނާވެފައިވަނީ މެދުކެނޑުމެއްނެތި ތަރައްގީވަމުން އަންނަ، ގާބިލް މަސައްކަތްތެރި މުވައްޒަފުންގެ މައްޗަށް ކަމަށެވެ.
މިއިންސްޓިޓިއުޓްގެ މައިގަނޑު މަގުސަދަކީ އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތަކާއި، އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލްކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުމަށް ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ.
"އެއިމްގެ ސަބަބުން އޭވިއޭޝަންގެ ދާއިރާއަށް ބޭނުންވާ ގާބިލް މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ،" ޝަަރީފް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ އެންމެހައި މުވައްޒަފުން މި އިންސްޓިޓިއުޓް މެދުވެރިކޮށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްވެސް މިރަަސްމިއްޔާތުގައި ޝަރީފް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.




