އަންނަ އަހަރަށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް

ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކޮށް ޖުމްލަ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިހިނގާ 2026 ވަނަ އަހަރަށް ފާސްކޮށްފައިވަނީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ މުޅި ބަޖެޓުގެ ތަފްސީލީ އަދަދަކީ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ. މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ޚަރަދުގެ ގޮތުގައި ހިނގާނީ 52.6 ބިލިއަން ރުފިޔާއެވެ. އެއީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާއެވެ. އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓްމަންޓްތައް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށްޓަކައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާވެސް ހިމެނެއެވެ.

2027 ވަނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި މި އަންނަ އަހަރުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ދައުލަތުން ނަގާ އެއްވެސް ޓެކުހެއް މަތި ނުކުރުމަށް ވަނީ ނިންމާފައެވެ.

އަންނަ އަހަރުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާއިރު އިގްތިސާދީ އެންމެ އުދަނގޫ މަރުހަލާތައް ސަރުކާރުން މިއަހަރު ވަނީ ހިކުމަތްތެރިކަމާއެކު ކަނޑައްތުކޮށްފަ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބައިނަލްއަގްވާމީ ރޭޓިން އެޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން މަތިކޮށް، މާލީ ނުރައްކާ ކުޑަ ގައުމެއްގެ ދަރަޖައަށް ރާއްޖެ ބަދަލުކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *