ގަރާރުތަކަށް ބަހުސް ކުރެވޭނީ ވޯޓުން ބަލައިގަތުމަށްފަހު

ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރުތަކަށް ބަހުސް ކުރެވޭނީ އެ ގަރާރެއް ބަލައިގަނޭތޯ ވޯޓަށް އެހުމަށްފަހު ގަރާރު ބަަލައިގަތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން އެގޮތަށް ނިންމީ މަޖިލީހުގެ ގަވާއިދުގެ 191 ވަނަ މާއްދާއަށް އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްގެންނެވެ.

ހަންނާން ހުށަހެޅުއްވި އިސްލާހު ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ އިސްލާހު ފާސްވީ 56 މެންބަރުންގެ ތާއީދާއެކު އެވެ. މިއިސްލާހު ފާސްކުރުމާ ދެކޮޅަށް 11 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 191 ވަނަ މާއްދާގައި ކުރިން އޮންނަނީ މަޖިލީހުގައި ގަރާރުގެ މައްޗަށްވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލްގެ މައްޗަށްވެސް ހިނގާ އުސޫލު ކަމަށެވެ. އެކަމަކު މަޖިލީހުން ބިލެއް ފާސްކޮށް ތަސްދީގުކުރަން ފޮނުވާ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ގަވައިދުގެ ދަށުން މިއަދާ ހަމައަށް އަމަލުކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން މަޖިލީހަށް އިއްވައި، އޭގެފަހުގައި އިބްތިދާއީ ބަހުސަށް ހުޅުވާލާ ގޮތަށެވެ. އޭގަފަހުގައި މަޖިލީހަށް ބިލު ބަލައި ގަންނަ އުސޫލުން ގަރާރުވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީތަކަށް ފޮނުވަނީ އެވެ.
އެކަމަކު މިއަދު ފާސްކުރި އިސްލާހާ ގުޅިގެން އެއްވެސް ގަރާރަކަށް ދެން ބަހުސްކުރެވޭނީ ފުރަތަމަ އެ ގަރާރެއް މަޖިލީހަށް ބަލައިގަންނަން އަގުލަބިއްޔަތު މެންބަރުންގެ ތާއީދު ލިބިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *