އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގާ "އެކްސެލަރޭޓިން ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަޖީ" (އެރައިޒް) މަޝްރޫއުގެ ދަށުން، ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ސޯލާ ޕީވީ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފި އެވެ.
ޖުމްލަ 15 މެގަވޮޓްގެ ސޯލާ ޕީވީ ގާއިމުކުރުމަށް ހިންގާ މި މަޝްރޫއުގެ ސަބަބުން އަހަރަކު 15 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ އެވެ.
މި މަޝްރޫއާ ގުޅޭގޮތުން ސޮއިކޮށްފައިވަނީ ޕަވަ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) އާއި އިމްޕްލިމެންޓޭޝަން އެގްރީމަންޓްގައެވެ.
ޕަވަރ ޕާޗޭސް އެގްރީމަންޓުގައި ސޮއިކުރެއްވީ ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީގެ ކަންޓްރީ މެނޭޖަރު ޗާއޮ ޝޯމިންގް އަދި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. އަދި އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސިނަސޯގެ ފަރާތުން ޗާއޮ ޝޯމިންގް ސޮއިކުރެއްވިއިރު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަލީ ޝަރީފެވެ.
މިއީ އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން "ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އެންޑް ޓްރާންސްފަ" (ޑީބީއެފްއޯޓީ) އުސޫލުން 20 އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މަޝްރޫއެކެވެ.
ވާދަވެރި ބީލަމުގެ ތެރެއިން ކުރިއަށް ގެންދިޔަ މި މަޝްރޫއުގައި އިންވެސްޓަރުންނަށް ހުރި ހިރާސްތައް ކުޑަކުރުމަށްޓަކައި ވޯލްޑް ބޭންކާއި، ކްލައިމެޓް ޓެކްނޮލޮޖީ ފަންޑާއި، އޭޝިއަން އިންފްރާސްޓްރަކްޗަ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި މަލްޓިލެޓަރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ (މީގާ)ގެ މާލީ އަދި ފަންނީ އެހީތެރިކަމާއެކު ވަނީ ހާއްސަ ރިސްކް މިޓިގޭޝަން ފްރޭމްވޯކެއް އެކުލަވާލާފަ އެވެ.
މަޝްރޫޢު ބެހިފައިވާ ދެ ލޮޓް
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ މައިގަނޑު ދެ ލޮޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ލޮޓުގައި ލ. އަތޮޅުގެ 6 ރަށަކަށް 2 މެގަވޮޓްގެ ކެޕޭސިޓީ ބަހާލާފައިވާއިރު، ދެވަނަ ލޮޓުގައި ސަރަހައްދީ ބޮޑެތި މަރުކަޒުތަކަށް 13 މެގަވޮޓް ވަނީ ކަނޑައަޅާފަ އެވެ.
ލޮޓް 1: ލ. އަތޮޅު ކްލަސްޓަރ (2 މެގަވޮޓް)
- ލ. މާމެންދޫ: 0.61 މެގަވޮޓް
- ލ. މާވަށް: 0.44 މެގަވޮޓް
- ލ. މާބައިދޫ: 0.38 މެގަވޮޓް
- ލ. ހިތަދޫ: 0.3 މެގަވޮޓް
- ލ. ކުނަހަންދޫ: 0.25 މެގަވޮޓް
- ލ. ދަނބިދޫ: 0.2 މެގަވޮޓް
ލޮޓް 2: ސަރަޙައްދީ ބޮޑެތި މަރުކަޒުތައް (13 މެގަވޮޓް)
- ލ. ގަން: 4 މެގަވޮޓް
- ލ. ފޮނަދޫ: 3 މެގަވޮޓް
- ޅ. ނައިފަރު: 2.3 މެގަވޮޓް
- ގއ. ވިލިނގިލި: 1.65 މެގަވޮޓް
- ށ. ފުނަދޫ: 1.25 މެގަވޮޓް
- ލ. އިސްދޫ: 0.7 މެގަވޮޓް
- ލ. ކަލައިދޫ: 0.6 މެގަވޮޓް
ގައުމީ ލަނޑުދަނޑިތަކަށް ވާސިލުވުން
އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއާއެކު އެރައިޒް އަދި އެސްޕަޔަ މަޝްރޫއުގެ ދަށުން ގާއިމުކުރެވޭ ސޯލާ ހަކަތައިގެ މިންވަރު 34 މެގަވޮޓަށް އިތުރުވެގެންދާނެ އެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ގާއިމުކުރެވިފައިވާ އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީގެ 110 މެގަވޮޓްގެ 30 އިންސައްތައެވެ.
މި މަޝްރޫއުގެ ސަބަބުން އަހަރަކު ރާއްޖެއަށް އެތެރެކުރާ ޑީސަލުން 15 މިލިއަން ލީޓަރު ސަލާމަތްކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދައިން އަހަރަކު 180 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވާ، ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ގައުމީ ލަނޑުދަނޑި ހާސިލްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.




