ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހް ރިޔުާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ އެމަނިކުފާނުގެ އަރިސް ބޭފުޅުންނާ އެކު އިއްޔެ ބޭއްވެވި ބައްދަލުކުރެއްވުމަށްފަހު އެވެ.
ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައި މިވަނީ އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އެމަނިކުފާނު އެކަމުގައި ގޮތެއް ނުނިންމަވާތީ ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއްގައި ތިބި ވަގުތެއްގައެވެ.
އެމްޑީޕީން މިއަހަރު ބޭއްވި އެޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވި ފަހުން ރައީސް ސޯލިހް ވަނީ އެއްކޮށްހެން ސިޔާސީ މައިދާނުން ގެއްލިފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ސާފުކޮށް ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް ސޯލިހްގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު އިސްމާއީލް އެވެ. ފައްޔާޒު ވަނީ ހާއްސަ ހާލަތެއް ދިމާވެގެން ނޫން ގޮތަކަށް ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އަދި ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށްވެސް ރޭގެ ވަގުތެއްގައި ވިދާޅުވެފައެވެ.
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.
އެމްޑީޕީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ޕާޓީން ޓިކެޓް ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ބޭއްވި ރިޔާސީ ޕްރައިމަރީގައިވެސް ރައީސް ސޯލިހް ވާދަކުރެއްވި އެވެ. އެފަހަރު އެމަނިކުފާނު ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް ނަޝީދު ބޮޑު ބައްޔަކުން ބަލިކުރެއްވުމަށްފަހު އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެކުރިން ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ފައްޔާޒު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނަމަ ތާއީދުކުރައްވާނީ ފައްޔާޒަށް ކަމަށްވެސް ވިދާޅުވެފައިވެ އެވެ.




