އައްޑޫ ސިޓީގެ ހަންކެޑަ ތަރައްގީކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ރެގިއުލޭޓް ކުރާ ފަރާތް — ޕްރައިވެޓައިޒޭޝަން ބޯޑުން އެ މަގާމަށް ހަމަޖެއްސީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް މާކެޓިން އޮފިސަރުގެ މަގާމުގައި ހުންނެވި އައިޝަތު ޒަމްރާ ޒާހިރު އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަންކެޑެ ކުންފުނި އުފެއްދެވީ މިދިޔަ ޖުލައި 16 ވަނަ ދުވަހު އެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަންކުރީ މި މަހުގެ 27 ވަނަ ދުވަހު އެވެ. ކުންފުނީގެ ބޯޑުގައި ގިނައިން ތިއްބެވެވީވެސް ބީއެމްއެލްގެ އިސް މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންނެވެ.
ބޯޑުގައި ހިމެނޭ ބޭފުޅުން:
- އައިޝަތު ޒަމްރާ ޒާހިރު – މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު (ބީއެމްއެލްގެ ޗީފް މާކެޓިން އޮފިސަރު)
- ސަހާރު ވަހީދު – ބޯޑު މެންބަރު (ބީއެމްއެލްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރު)
- އަމާން އަލީ – ބޯޑު މެންބަރު (ބީއެމްއެލްގެ ކޯޕަރޭޓް ބޭންކިން ޑިރެކްޓަރު)
- * އަބްދުالله އަތީގު މުހައްމަދު – ބޯޑު މެންބަރު (ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެންޑް ފިސްކަލް ޕޮލިސީ އެނަލިސްޓް)
- ހަދީޖާ މިލްހާ – ބޯޑު މެންބަރު (ފިނޭންސް މިނިސްޓްރީގެ ޑެޓް ފައިނޭންސިން ކޮންސަލްޓަންޓް)
ރައީސް އޮފީހުން ބުނީ އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މޮޑެލަކަށް "އައްޑުއަތޮޅު ހަންކެޑެ" ތަރައްގީކޮށް، އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކުރުން ކަމަށެވެ.
މީގެއިތުރުން ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ މަންފާ މުޅި އައްޑޫ އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާއެކު، ފަތުރުވެރިކަމުގެ ދާއިރާގައި އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކޮށް މި މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ މި ކުންފުނި އުފެއްދެވި މަގުސަދެއް ކަމަށް ބުންޏެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަންކެޑެ އަކީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ޑިސެމްބަރު 2، 2021ގައި ރައީސް ސޯލިހްގެ ގަރާރަކުން ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ނަމުގައި ކުންފުންޏެއް އުފައްދަވައި އެ ކުންފުންޏަށް އެ ރަށް ކުއްޔަށްވެސް ދިނެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު 2024 ވަނަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކޮށް ބިންގާ އެޅުމުގެ ރަސްމިއްޔާތެއްވެސް ބޭއްވި އެވެ. މުއިއްޒުގެ ސަރުކާރުގައި މިމަޝްރޫއު އޭރު ހަވާލުކުރީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އަށެވެ.
ނަމަވެސް ރައީސް ސޯލިހްގެ ގަރާރަށް ރައީސް މުއިއްޒު ވަނީ ފަހުން ބަދަލު ގެންނަވައި، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅައި މިދިޔަ ޖޫން 29 ވަނަ ދުވަހު އިއުލާންކޮށްފަ އެވެ.
އެކަމަކު އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އައްޑޫގެ މެންބަރުންނާއި އައްޑޫ ސިޓީއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ފަހުން ނިންމަވާ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހަންކެޑެ ވަކިކޮށް ޓޫރިޒަމް މިނިސްޓްރީއާ އެރަށް ހަވާލުކުރި އެވެ. އަދި އެ މިނިސްޓްރީން ފަހުން ވަނީ ހަންކެޑެގައި 1،000 އެނދުގެ ރިސޯޓެއް ހަދަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ. ނަމަވެސް އެކަމުގެ ފަހުގެ މައުލޫމާތު މިނިސްޓްރީން ހިއްސާކޮށްފައެއް ނުވެ އެވެ.




