އާމްދަނީ އޮޅުވައި ނުލެވޭނެ، ޗުއްޓީ ހޭދަކުރާ ތަންތަން އެނގޭނެ ނިޒާމެއް ގާއިމުކުރަނީ

ރިސޯޓުތަކަށް އާމްދަނީ ނުލިބޭ ކަމަށް ހިސާބުކިތާބު ހެދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ތަންތަން އެނގޭނެ ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 ޕަސެންޓް ބޭންކްތަކަށް މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ގެނައުމުގެ ބިލް ތަސްދީގު ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ރާއްޖޭގައި އާމްދަނީގެ 40 ޕަސެންޓް މާރު ނުކުރެވޭނެ ރިސޯޓެއް ނޯންނާނެ ކަމަށާއި ރިސޯޓުގެ ލޯނާއި މުވައްޒަފުންގެ މުސާރަ އަދި އެހެނިހެން ހަރަދުތައް ކުރުމަށްފަހުވެސް 40 ޕަސެންޓް މާރު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން އެބަ ދަންނަވާ ތިމަންނަމެން އާމްދަނީ ނުލިބޭ ކަމަށް ހިސާބުކިތާބު ހަދާނީއޭ. މަކަރު ހެދޭނެ. ދޮގު ހަދަން މަސައްކަތް ކުރެވިދާނެ. އެކަމަކު އެކަންވެސް ހުއްޓުވޭނެ ނިޒާމުތައް މިއަދުގެ ބިލްތަކުންވެސް އައިސްފި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން މަކަރު ހަދައިގެން ސަލާމަތްވެފައި ހުރި ނަމަވެސް އެކަމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

"ރާއްޖެއަށް ޓޫރިސްޓަކު އެތެރެވާ ހިސާބުން އެ ޓޫރިސްޓު އައިކަމާއި އޭނަ ދިޔަ ތަނާއި އޭނަ ނިދީ ކޮންތަނެއްގައި ކަމާއި އޭނަ ފުރައިފި ކަމާއި އިނގޭނެ ނިޒާމު މީގެ އެއް މަސްފަހުން ރަސްމީކޮށް އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއިން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާމްދަނީ އޮޅުވާލުމަށް މަކަރު ނުހެދޭނެ ކަމަށާއި މި ސަރުކާރުން އަދުލު އިންސާފު ގާއިމުކުރުމުގައި ވަކި މީހަކަށް ނުބައްލަވާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *