މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ދައުވަތަކަށް މި މަހުގެ 14 އިން 15 އަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި، މެލޭޝިއާގެ ބޮޑުވަޒީރު ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

އެ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުމާއި، ބައިނަލްއަގުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ރައީސް އޮފީހުން ބުނެފައިވެ އެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބައެއް މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެ ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން، ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ގެ އިތުރުން، ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިހުތިރާމުގެ ޒިޔާރަތްތަކެއް ކުރައްވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *