ވަޒީރުންގެ ފެންވަރުގައި ރައީސް އޮފީހުގެ ދެ މަގާމަށް ބޭފުޅުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަގާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.

އެގޮތުން ރައީސް މުއިއްޒު މިއަދު ވަނީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތޮލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހުމަދު ޙަބީބް އައްޔަންކުރައްވާފަ އެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮ ޓާޝަރީ ހެލްތު ސާވިސަސްގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު ތޮލާލް މީގެ ކުރިން ހުންނެވީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގަ އެވެ. ތޮލާލަކީ މީގެ ކުރިންވެސް ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަގާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އެގޮތުން އޭނާ ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއާ ކަރިކިއުލަމް ޑިވެލޮޕަރުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި ޑިރެކްޓާ ޖެނެރަލް ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒާ ޓު ދަ މިނިސްޓާ ކަމުގެ މަގާމާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރުކަން އަދާކުރައްވާފައެވެ. މީގެއިތުރުން ތޮލާލަކީ ރާއްޖޭގެ ކުޅިވަރުގެ ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ހަބީބް މީގެ ކުރިން ހުންނެވީ ވިލާ އެއާގެ ޖެނެރަލް މެނޭޖަރެއްގެ މަގާމުގަ އެވެ.

ހަބީބް މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.

މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަގާމާއި ވިލާ އެއާގެ ކާޑެއްދޫ އެއާޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވަނީ ފުރުއްވާފަ އެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *