ރާއްޖޭގެ އުމްރާނީ ތަރައްގީއާ ގުޅޭ އެކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސުލްޠާން ބިން އަބްދުއްރަހްމާން އަލް-މަރްޝަދާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު މަޝްވަރާކުރައްވައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ތަރައްގީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، އިގްތިސާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމާ ގުޅޭގޮތުން ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަރީރު ވަނީ އެސްއެފްޑީން ރާއްޖޭގެ ތަރައްގީއަށް ދެމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ 14 މަޝްރޫއަކަށް ޖުމްލަ 17 ލޯނު ދޫކޮށްފަ އެވެ. މީގެތެރޭގައި ހިމެނޭ ފައިސާގެޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ އިތުރެވެ.
އެސްއެފްޑީގެ އެހީތެރިކަން ވަނީ ދަތުރުފަތުރާއި، ސިއްހީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީތައް ތަރައްގީކުރުން ފަދަ މުހިއްމު ދާއިރާތަކަށް ފޯރުކޮށްދީފަ އެވެ.
އެސްއެފްޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ފޯރުކޮށްދީފައިވެ އެވެ.
މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.
އެސްއެފްޑީއަކީ ބައިނަލްއަގްވާމީ ތަރައްގީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތް ކުރާ މައި އިދާރާ އެވެ. 1974 ވަނަ އަހަރު ގާއިމުކުރެވުނު މި ފަންޑުގެ މަގުސަދަކީ، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ކުރިއަށްގެންދާ މުހިއްމު މަޝްރޫއުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ގައުމުތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އެއްބާރުލުން ދިނުމެވެ.




